Friday, April 13, 2012

ދިވެހިންގެ ހަނދާނުން ކައްސާލާފައިވާ "އޭޕްރީލް 14"

އާދަމް ހަލީމް
ހަވީރު ޑެއިލީ، 24 އެޕްރީލް 2010
  • ބޮޑުމަސް ދުއްވަނީ: ރާއްޖޭގެ މުއްސަނދި ސަގާފަތާއި އާދަތައް ދަނީ ނެތެމުން
- އެޕްރީލް 14 އަކީ އިހުޒަމާނުގައި ދިވެހިންގެ ސަގާފީ އާ އަހަރު ފަށާ ދުވަސް
ދިވެހިން ވެސް ފާހަގަކުރާ ނުވަތަ ދިވެހިންނާ ތާރީޚީ ގޮތުން ގުޅިފައިވާ މީލާދީ ކަލަންޑަރުގެ ދުވަސްތައް މަދެއް ނުވާނެ އެވެ. އެހެންނަމަވެސް އޭޕްރީލް 14 އަކީ ކުރިން ދިވެހިންނަށް ކިހާ ހާއްސަ ދުވަހެއްކަން މިހާރަކު ނޭނގެ އެވެ.
ދިވެހި ތާރީހުގެ ތެރެއަށް ރަނގަޅަށް ފީނައި ބަލައިފި ނަމަ އޭޕްރީލް 14 ވަނަ ދުވަހަކީ އޭރުގެ ދިވެހިންނަށް ވަރަށް ހާއްސަ ދުވަހެއްކަން އެނގެ އެވެ. އުފެދޭ ސުވާލަކީ އޭޕްރީލް 14 ދިވެހިންނަށް ހާއްސަވެފައި އޮތީ ކީއްވެ، ކޮން ގޮތަކުން ހެއްޔެވެ؟
ދިވެހިންގެ ގަދީމީ ޒަމާނަށް ދިރާސާގެ ދުރުމި އަމާޒުކޮށްލާއިރު، އޭޕްރީލް 14 އަކީ ދިވެހިންގެ ސަގާފީ އާ އަހަރު ފަށާ ދުވަހެވެ. ދިވެހި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށްވާ އަލްމަރުހޫމް ހަސަން އަހުމަދު މަނިކު (ކޮލި ހަސަންމަނިކު)ގެ ތާރީހީ ދިރާސާތަކުން މިކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ސަގާފީ އާ އަހަރެއްގެ ފެށުން ދިވެހިންގެ ތެރޭގައި އޮވެމެ، އެ ދުވަހަކީ އޭޕްރީލް 14 ކަމަށް ވާން ޖެހުނު ގޮތެއް އަދި މިހާތަނަކަށް ހޯދިފައެއް ނުވެ އެވެ. އެހެންނަމަވެސް އަވަށްޓެރި ސްރީ ލަންކާގެ ސިންގަޅައިންނާއި ތަމަޅައިން، އަދި އިންޑިޔާގެ ސްޓޭޓުތަކުގެ ތެރެއިން ދިވެހިރާއްޖެއާ އެންމެ ގާތުގައި އޮތް ކެރެލާ އާއި ޓެމިލްނާޑޫ އާއި ޒަމާނުއްސުރެ ދިވެހިންނާ ގާތް ގުޅުމެއް އޮތް އޮރިއްސާ އާއި ބަންގާޅުގައި އެމީހުންގެ އާ އަހަރު ފަށަނީ އޭޕްރީލް 14 އަށް ވުމުން އިހުޒަމާނުގެ ދިވެހިންނާ ވެސް އެދުވަސް ގުޅެނީ ކަމަށް ވެދާނެ އެވެ. މިއަދު ވެސް ދިވެހިންގެ ކުލަ އާއި ސިފައަށް ބަލާއިރު އެންމެ ވައްތަރުކަން ބޮޑީ އެ ސަރަހައްދުތަކުގެ މީހުންނާ އެވެ.
އިސްލާމްވުމުގެ ކުރީގެ ބައެއް އާދަތައް ބަދަލުވި އިރު ދިވެހިންގެ އެ އާދަ ވެސް ދޫކޮށްލީ ކަމަށް ވެދާނެ އެވެ. އެހެން ނަމަވެސް ބަންގާޅުގެ މުސްލިމުން މިހާރު ވެސް އެދުވަސް ފާހަގަކުރެ ކއެވެ.
ދެން އޮތީ ސްރީ ލަންކާ އެވެ. އާދަކާދަ އާއި ވައްޓަފާޅީގެ ގޮތުން ދިވެހިންނާ އެންމެ ގުޅުން ބޮޑު އަވަށްޓެރިއާ އެވެ. ސްރީ ލަންކާ އަށް ބަލާއިރު، ސިންގަޅައިންނާއި ދިވެހިންނަކީ "އެއް ގަހުގެ ދެ ގޮފިގަނޑު" ކަން ހާމަވާ ވަރަށް ހެތްކާއި ގަރީނާތައް އެހުރީ ފެންނާށެވެ. ބަހާއި ނަސްލުގެ ގޮތުން ބެލިއަސް ދިވެހިންނާއި ސިންގަޅައިންގެ ކިބައިގައި "އެއް ގޮހޮރުވަންތަކަން" ހުރިކަން ކަށަވަރެވެ. ދެބައި މީހުންގެ ސަގާފަތާއި ވަންތަކަމަށް ބަލައިލިޔަސް ދިވެހިންގެ ގަދީމީ ދުވަސްތަކުގައި އޭޕްރީލް 14 އަށް ސަމާލުކަން ދިން ގޮތުގެ ތަސައްވުރެއް ކުރަހައިލަން ދައްޗެއް ނުވާނެ އެވެ.
ސިންގަޅަ ބަހުން އެ ދުވަހަށް ކިޔަނީ "އަލުތު އައުރުދު" އެވެ. މި ބަސްތަކަށް ބަލާއިރު "އަލުތު" މިބަހަކީ ދިވެހިން ނަމަ "އަލަތު" އެވެ. "އައުރުދު" ނުވަތަ "އައުރޮދު" މި ބަހަކީ ބޯދާ ދިވެހި ބަހުގައި "އަހަރު" މި މާނައިގައި ބޭނުންކުރި ބަހެއްކަން މާލޭ ހުކުރު މިސްކިތުގައި ހުރި މަހާނަ ގާތަކާއި ބޯދާ ފަތްފުށްތަކުގެ ސަފުހާތަކުން ސާފުވާނެ އެވެ.
ރާއްޖޭގައި ސަގާފީ އާ އަހަރުގެ ފެށުން އޭޕްރީލް 14 ގައި ފާހަގަކުރި ގޮތާއި ވައްޓަފާޅި އެންމެ ރަނގަޅަށް މިހާރު ވަޒަންކުރެވޭނީ ސްރީ ލަންކާ އިންނެވެ. ނުވަތަ ބަންގާޅާއި ކެރެލާއިންނެވެ. އޭޕްރީލް 14 އަކީ ސިންގަޅައިން، އެ މީހުންގެ "ހާވެސްޓް ފެސްޓިވަލް" ނުވަތަ "ދަނޑުވެރިކަމުގެ އީދު" ވެސް ފާހަގަކުރާ ދުވަހެވެ. ދިވެހިން އޭޕްރީލް 14 ވަނަ ދުވަސް "އެއްގަމުގެ ރޯދީގެ ދުވަސް" ގެ ގޮތުގައި ފާހަގަކުރަމުން އައި ކަން ތާރީހު އިލްމުވެރިންގެ އިޝާރާތުން އެނގެ އެވެ.
އެ އިލްމުވެރިޔަކަށްޓަކައި މުޅި ރާއްޖެ ފަހުރުވެރިވާ އަދީބު، ފަޟީލަތުއް ޝައިހު ހުސައިން ސަލާހުއްދީނު އުފަންވެވަޑައިގަތް ދުވަހަކީ ހިޖުރީ ގޮތުން ޖުމާދަލްއޫލާ ،15 1298 ވީ ބުރާސްފަތި ދުވަހެވެ. އެ ދުވަސް މީލާދީ ގޮތުން ދިމާވަނީ އޭޕްރީލް ،14 1881 ވަނަ ދުވަހާ އެވެ. އެމަނިކުފާނު އުފަންވެވަޑައިގަތް ތާރީހު މީލާދީ ގޮތުން މެއި ،11 1881 ކަމަށް ބައެއް ލިއުންތަކުން ފެނުނަސް އެއީ ހިޖުރީ ތާރީހު މީލާދީ ތާރީހަށް ބަދަލު ކުރުމުގައި އަރާފައިވާ އޮޅުމެކެވެ.
ކީރިތި ޤުރުއާނުގެ އެންމެ މަޝްހޫރު ތަރުޖަމާއެއް ކުރެއްވި އިލްމުވެރިޔާ އަބްދުﷲ ޔޫސުފު އަލީ އާއި ދިވެހި ތާރީހު އިލްމުވެރިޔާ ސިއްކަގޭ މުހައްމަދު ނަސީމުގެ އުފަން ދުވަހަކީ ވެސް އޭޕްރީލް 14 އެވެ.
ދިވެހި ބަހުގެ ދުވަހެއް ފާހަގަކުރި ކަމުގައި ވިޔަސް، ސަގާފީ އީދެއް ގެނައި ނަމަވެސް އަދި ސަގާފީ އާ އަހަރާއި ދަނޑުވެރިންގެ ދުވަސް ފާހަގަން ވިޔަސް މީލާދީ ކަލަންޑަރުން އޭޕްރީލް 14 އަށް ވުރެ ވަކިން "ރީތި" ދުވަހެއް ނެތެވެ. ދިވެހި ބަހުން ވާހަކަ ދައްކާ އަވަށްޓެރި މަލިކުގައި އެޕްރީލް ،14 2011 ގައި، "ދިވެހިބަހުގެ ދުވަސް" ފާހަގަކުރަން ފަށާނެ އެވެ. ދިވެހިންގެ އެންމެ މުހިއްމު އެއް ރުކުނަކީ ދިވެހިބަސް ކަމަށް ބުނާ އިރު އެފަދަ ކަމަކާ ނުވިސްނައި ތިއްބާ އިންޑިޔާގައި "ދިވެހި ބަހުގެ ދުވަހެއް" ފާހަގަކުރަން ފެށުމަކީ ލަދުވެތިކަމެކެވެ. ހަމައެހެން އުފާވެރިކަމެއް ވެސް މެއެވެ. އުފާވެރިކަމަކަށް ވަނީ ކޮންމެވެސް ބަޔަކު އެކަން ކުރަން އުޅޭތީ އެވެ. ލަދުވެތިވަނީ އެކަމުގައި އިސްނަގަންވީ މީހުން މަޑުން ތިބީމަ އެވެ.
ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މީލާދީ އާ އަހަރު ޖެނުއަރީ 1 ގައި ފަށައި އެކަން ފާހަގަކުރެތެވެ. ހަމައެހެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެމީހުންގެ ސަގާފީ އާ އަހަރު ވެސް ފާހަގަކުރެ އެވެ. އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ވެސް އެ އާދަ، އެ ގޮތަށް ހިނގަ އެވެ. އީރާނުގައި އެމީހުންގެ ސަގާފީ އާ އަހަރު ނުވަތަ ނާރޯޒް ދުވަސް ފާހަގަކުރެ އެވެ. އިންޑޮނޭޝިޔާ އާއި މެލޭޝިޔާ އާއި ޗައިނާ އާއި ސިންގަޕޫރުގައި ވެސް މީލާދީ އާ އަހަރާއި ހިޖުރީ އާ އަހަރުގެ އިތުރުން ސަގާފީ އާ އަހަރު ފާހަގަކުރެ އެވެ.
ދިވެހިންގެ ކާބަފައިން ފާހަގަކުރަމުން އައި ސަގާފީ އާ އަހަރު ދޫކޮށްލުމަކީ ގައުމީ ގޮތުން ކޮންމެވެސް ވަރެއްގެ ރުކުނެއް ދޫކޮށްލުމޭ ނުބުނެވޭނެ ހެއްޔެވެ؟ ގަދީމީ ޒަމާނުގައި "އެއްގަމު ރޯދީގެ ދުވަސް" އޭޕްރީލް 14 ގައި ފާހަގަކުރި ފަދައިން އެނަމުގައި ނުވަތަ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި އެ ދުވަސް ގެނައުމަކީ ގޯހެއް ހެއްޔެވެ؟ މިސާލަކަށް ޑިސެމްބަރު 10 އަކީ ދުނިޔޭގެ އިންސާނީ ހައްގުތަކާ ބެހޭ ދުވަހެވެ. އެދުވަސް ރާއްޖޭގައި ފާހަގަކުރަން ފެށީ މިދިއަ އަހަރު އެވެ. އެކަމަކު ޑިސެމްބަރު 10 އަށް ދިވެހިން ދޭނީ "މަސްވެރިންގެ ދުވަހު"ގެ ލަގަބެވެ.
ދެން ސުވާލަކަށް ވާނީ މަސްވެރިންގެ ދުވަސް ޑިސެމްބަރު 10 ގައި ފާހަގަކުރަނީ ކީއްވެގެން ހެއްޔެވެ؟ އެއީ އިންސާނީ ހައްގުތަކުގެ ދުވަސް "ގަންބާލަން" ކުރި ކަމެއްގެ ގޮތުގައި ސިފަކުރާ މީހުން ވެސް ތިބެދާނެ އެވެ. ނަމަވެސް ޑިސެމްބަރު 10 ގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން ހަމަޖެއްސުމުގެ ދެ ސަބަބެއް އޮވެދާނެ ކަމަށް ފެނެ އެވެ. އެއް ސަބަބަކީ ރާއްޖޭގެ މަސްވެރިކަމަށް ފަހި ނަކަތްތައް ފެށެނީ މީލާދީ އަހަރުން އެ ދުވަސް ވަރަށް ވުމެވެ. އަނެއް ސަބަބަކީ ރާއްޖޭގައި "ބޮޑު އިސްޓޯރު" ގެ ނަމުގައި ޑިސެމްބަރު ،10 1942 ގައި ހުޅުވި ފިހާރަ އަށް ނިސްބަތްކޮށް އެނަން ދިނުމެވެ. ދިވެހިންގެ އަތުން މަސް ގަންނަމުން އޭރު އައީ އެ ފިހާރަ އިންނެވެ.
އެޕްރީލް 14 އަކީ އިހުޒަމާނުގެ ދިވެހިންނަށް ކިތައްމެ މުހިންމު ދުވަހެއް ނަމަވެސް އެކަން މިހާރު ވަނީ މާޒީވެފަ އެވެ. އެކަމަކު އެދުވަހާ ގުޅުވައިގެން ރާއްޖޭގައި ފާހަގަކުރެވިދާނެ ބައެއް ދުވަސްތައް އެބަ ހުއްޓެވެ. ނުވަތަ މިހާރު ފާހަގަކުރާ ބައެއް ދުވަސްތައް އެދުވަހަށް ބަދަލު ވެސް ކުރެވިދާނެ އެވެ

No comments:

Post a Comment

Search This Blog